މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ރޫޙާނިއްޔަތަކީ ﷲ ހަނދާންކުރުމުގައި ވޭތުކުރާ ދިރިއުޅުމެކެވެ. ހެޔޮ އުސޫލުތަކެއްގެ މަތީގައި ވޭތުކުރާ ދިރިއުޅުމެކެވެ. އިދިކީލި ވިސްނުމާއި ފިކުރާ ދުރުގައި ހޭދަކުރާ ދިރިއުޅުމެކެވެ.
ރޫޙާނިއްޔަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާ ވަނީ ރޫޙާނިއްޔަތުގެ މިސާލު ފިނިފެންމާ ގަހުން ދައްކަވައިފައެވެ. ފިނިފެންމާ ގަހުގައި މާވެސް، ކަށިވެސް ހުރެއެވެ. ގަހުގެ ގޮފިތަކުގައި ވަނީ ތޫނު ކަށްޓެވެ. އެ ކަށިތަކުގެ ތެރޭގައި ފޮޅެނީ ވަރަށް ރީތި މަލެކެވެ. ތަފާތު އެތައް ކުލައެއްގެ މަލެވެ. މީރުވަސްދުވާ މަލެވެ.
އެއީ ގުދުރަތުން ދައްކަވައިފައިވާ ރޫޙާނިއްޔަތުގެ މިސާލެކެވެ. ރޫޙާނިއްޔަތަކީ ކަށިތަކުގެ ތެރޭގައި ހުންނަ މަލެއް ފަދައިން ދިރިއުޅުމެވެ. ރޫޙާނިއްޔަތަކީ ކަށިތަކުން ސަލާމަތްވުމެވެ. ކޮއްޕައި ގެޅުވިޔަސް ކަށިތަކާ ދިމާއަށް ނުދިއުމެވެ. ހިތްހަމަ ނުޖެހޭ ކަންތައްތަކާ ދިމާވިޔަސް މަޑުމައިތިރިކަމާއި ރީތި އާދަތައް ދޫކޮށްނުލުމެވެ. އެހެން މީހުންގެ ފަރާތުން ފެންނަ ނުރުހޭ ކަންތައްތަކުގެ ސަބަބުން ރުޅިއައިސް ބަދަލުހިފުމުގެ ތެރެއަށް ނުވަނުމެވެ. ރޫޙާނިއްޔަތުގެ މަގުގައި ހުންނަ މީހަކު ދިރިއުޅޭނީ އޭނާގެ އުސޫލުތަކުގެ ތެރޭގައެވެ. އޭނާގެ ވިސްނުމާއި ތައުލީމުގެ ސަބަބުން އޭނާޔާ ދިމާއަށް މީހަކު އެއްލާ ގާބުރިއެއް ދުވަހަކުވެސް އޭނާޔަކާ ހަމައަށް ނުފޯރާނެއެވެ. ކީރިތި ޤުރްއާނުގައި ރޫޙާނިއްޔަތު ސިފަކޮށްދީފައި ވަނީ ރައްބާނިއްޔަތުގެ ގޮތުގައެވެ. އެއީ ﷲ ރުއްސަވާ މަގުގައި ދިރިއުޅުމެވެ. ﷲ ގެ މަގުގައި ދިރިއުޅޭ މީހަކަށް އޭނާގެ ވަށައިގެން އެނބުރޭ މީހުންގެ ސަބަބުން ނުބައި އަސަރެއް ނުފޯރާނެއެވެ. އޭނާ އަބަދުވެސް ހުންނާނީ ވިސްނުމާއި ފިކުރާއި ހިތްހަމަޖެހުމުގައި އެހެން މީހުންނަށްވުރެ ކުރީގައެވެ. އެހެން މީހަކު ދައްކާ ވާހަކައަކުން އޭނާގެ އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. އެހެނީ ރޫޙާނިއްޔަތުގެ ސަބަބުން އޭނާއަށް ލިބޭ ހިތްހަމަޖެހުމަކީ އެހެން ކަމަކުން ފޮހެލެވޭވަރަށްވުރެ މާ ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
ރޫޙާނިއްޔަތުގައި ދިރިއުޅޭ މީހާއަކީ އޭނާޔާ ދިމާއަށް މީހަކު ބުނާ ހުތުރު ބަހެއްގެ ބަދަލުގައި ހިނިތުންވާން ދަންނަ މީހާއެވެ. އެހެން މީހުން ދައްކާ ވިޔާނުދާ ވާހަކަ ހަނދާން ނައްތައިލާ މީހާއެވެ. ރުޅިއަރުވަން އުޅޭ މީހުންނަށް މާފުކުރާ މީހާއެވެ. އޭނާއަކީ މަލާއެކު ލިބޭ ކަށިތައްވެސް ބަލައިގަންނަ މީހާއެވެ.
ރޫޙާނިއްޔަތުގައި ދިރިއުޅޭ މީހާ ހުންނާނީ އެހެން އެއްވެސް ދުނިޔަވީ އެދުމެއްގެ ސަބަބުން ކަންބޮޑުވާ ވަރަށްވުރެ މާ ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ނޯންނާނެއެވެ. އަމިއްލަ އެދުމެއް ނޯންނާނެއެވެ. މީހަކު ކޮންމެ ކަމެއް ކުޅަޔަސް ރުޅިއެއް ނާންނާނެއެވެ. ރޫޙާނިއްޔަތު ފިޔަވައި އެހެން އެއްވެސް އެއްޗެއްގެ އެދުމެއް އޭނާގެ ހިތަކު ނޯންނާނެއެވެ. މިފަދައިން ރޫޙާނިއްޔަތުގެ ތެރޭގައި އުޅޭ ބަޔަކު އެއްތަންވީމާ އުފެދޭނީ ފުރިހަމަ މުޖުތަމައެކެވެ. އިރުގެ އަލިކަންހައި އަލިގަދަ، އަދި މާތައް ފޮޅޭ ފަދައިން ފޮޅިފައިވާ ހިތްގައިމު މާހައުލެކެވެ.
