ޞަޙާބީންނާއެކު 365 ދުވަސް – 6: ދުނިޔޭގެ ޢިއްޒަތާއި ޤަދަރު

އަބޫބަކުރުގެފާނާއި ކީރިތި ރަސޫލާއާ ދެބޭކަލުން އިށީނދެވަޑައިގެން ތިއްބަވަނިކޮށް މީހަކު އައިސް އަބޫބަކުރުގެފާނަށް މަލާމާތްކޮށް އެއްޗެހި ކިޔާން ފަށައިފިއެވެ. އަބޫބަކުރުގެފާނު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އެމީހާ ތަކުރާރުކޮށް އެއްޗެހި ކިޔަމުން ގެންދިޔައެވެ. އެމީހާގެ ކަންތައް މާ ބޮޑު ވެގެން ދިޔައީމާ އެކަލޭގެފާނު ކެތް ކުރައްވާން ދަތިފުޅު ވެގެން އެމީހާއަށް ރައްދު ދެއްވައިފިއެވެ. އެވަގުތު ކީރިތި ރަސޫލާ ކޮޅަށް ތެދުވެވަޑައިގެންފިއެވެ.

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟" ކީރިތި ރަސޫލާ ހަދީސް ކުރެއްވިއެވެ. "ކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހުންނެވިއިރު ﷲ ގެ މަލާއިކަތްބޭކަލުން (އެމީހާއަށް) ޖަވާބު ދެއްވަމުން ގެންދެވިއެވެ. އެކަމަކު ކަލޭގެފާނު ރައްދު ދެއްވުމާއެކު މަލާއިކަތުން ދުރަށް ވަޑައިގެންފިއެވެ. އެހެންވީމާ ތިމަންކަލޭގެފާނުވެސް ވަޑައިގަންނަވަނީއެވެ. ކީރިތި ރަސޫލާ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. "ތިން ކަމެއްގެ ވާހަކަ ކަލޭގެފާނަށް ވިދާޅުވެ ދެއްވަންތޯއެވެ؟ ފުރަތަމަ ކަމަކަށް މީހަކަށް ނާއިންސާފަކާ ކުރިމަތިލާން ޖެހި، އޭނާ ﷲއަށްޓަކައި ކެތްކޮށްފިނަމަ މި ދުނިޔޭގައި އޭނާއަށް ކާމިޔާބީއާއި ގަދަރު ލިބިގެންދާނެއެވެ. ދެވަނަ ކަމަކަށް ގާތްތިމާގެ މީހުންނާ މެދު ރަނގަޅު ގުޅުމެއް ބާއްވައި ހެޔޮކޮށް ހިތާ މީހާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާނެއެވެ. ތިންވަނަ ކަމަކަށް އިތުރު ކަންކަމާއި ތަކެއްޗަށްއެދި މީހުން ގާތު ސަލާންޖަހާ މީހާއަށް ދަތިތައް ކުރިމަތި ކުރައްވާނެއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.