އަމިއްލަ ޒަމީރުގެ އަޑުއަހާ

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާގެ އެތެރެހަށީގެ ގޮވައިލުމަކީ ނުވަތަ ޒަމީރަކީ ﷲގެ ޢަދާލަތުފަދަ އެއްޗެކެވެ. ޒަމީރަކީ ކުށެއް ކުރުމުގެ ކުރިން އިންޒާރުކުރާ އެއްޗެކެވެ. އެކަމަކު އިންސާނާ އޭނާގެ ޒަމީރު އަޑެއް ނާހައެވެ.


ކީރިތި ޤުރްއާނުގެ 75 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ޤިޔާމަތްދުވަސް ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. އަދި النفس اللّوّامة ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. (ނޯޓު: النفس اللّوّامةއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ ނަފްސަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ ނަފްސެކެވެ.) އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. އޭނާ ސުވާލުކުރާނެތެވެ. ޤިޔާމަތްދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ ފަހެ، ލޯތަކަށް ޙައިރާންކަންލިބި، ތަރަތަރަލާހިނދެވެ. އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ. އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން ޚަބަރު ދެއްވާނެތެވެ. އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ. އެ އިންސާނާ، އޭނާގެ ޢުޒުރުތައް ކުރިމަތިކުޅަނަމަވެސް މެއެވެ.] (އަލްޤިޔާމާ: 15-1)

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ލައްވައިފައިވާ ޤުދުރަތީ ކުޅަދާނަކަމެއް ހުރެއެވެ. އެޔަށް ކިޔާ ނަމަކީ النفس اللّوّامة އެވެ. ނުވަތަ ޒަމީރެވެ. މި ގާބިލިއްޔަތު އޭނާގެ އެތެރެހަށީގައި މިނިވަންކަމާއެކު މަސައްކަތް ކުރެއެވެ. އޭނާގެ ބުއްދިއާއި އެދުންތަކުން ދަފަރާވެގެން ހުރެ، ނުބަޔަކީ ކޮބައިކަމާއި ރަނގަޅަކީ ކޮބައިކަމާއި ކުރަންވާ ކަމަކީ ކޮބައިކަމާއި ކޮށްގެން ނުވާނެ ކަމަކީ ކޮބައިކަން ބުނެދެނީ މި ޒަމީރެވެ.

ޒަމީރަކީ ﷲގެ އަދާލަތުފަދަ އެއްޗެކެވެ. މައްސަލަ ހުށަހެޅުމާއެކު ޒަމީރުން އޭނާ ޚަބަރުދާރުކުރެއެވެ. ކަމަކާ ގުޅޭ ގޮތުން އިޚްތިޔާރުކުރަންވާ ރަނގަޅު ރަވައްޔާއަކީ ކޮބައިކަމާއި އިޚްތިޔާރުކޮށްގެން ނުވާނޭ ނުބައި ރަވައްޔާއަކީ ކޮބައިކަން ތަކުރާރުކޮށް އެތައް ފަހަރަކު ބުނެދެއެވެ. އެކަމަކުވެސް އިންސާނާ ﷲގެ މަތީން ހަނދާން ނައްތާލައި ޣާފިލުވެގަނެއެވެ. އޭނާ ދިރިއުޅެމުން ދަނީ ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއް ނޫންކަމަށް ގަބޫލުކުރާފަދަ ގޮތަކަށެވެ. އެހެންނަމަވެސް އެ ދުވަސް އަންނާނެއެވެ. އަދި އިންސާނާގެ ޢަމަލުތަކުގެ ހިސާބު ފުރިހަމައަށް ބެލެވޭނެއެވެ.

މަތީގައި ބުނެވުނު ރަވައްޔާ އިޚްތިޔާރުކުރާ މީހަކީ ތިމާގެ އަމިއްލަ ޠަބީޢާތާވެސް ޚިލާފުވާ މީހެކެވެ. ޚުދު އޭނާގެ އެތެރެހަށިން ހަރުއަޑުން ގޮވާ ގޮވުމުގެ އަޑު އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޙަޤީޤަތުގައި ޒަމީރުގެ އަޑަކީ ޚުދު އިންސާނާގެ ޙައްޤުގައި ﷲ ތަޢާލާ ކުރައްވާ ފައިސަލާއެއްގެ އިޢުލާނެކެވެ. އިންސާނާ އެ އަޑު ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު އަހައިފިނަމަ މަރުވުމަށް ފަހު އޭނާޔާމެދު ކަންތައް ކުރެވޭނޭ ގޮތް، މަރުވުމުގެ މާ ކުރީން އޭނާއަށް ދެނެގަނެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.